މަދަނީ އިޖްރާއަތުގެ ގާނޫނުގެ ޓްރެއިނިންގ

ފަނޑިޔާރުންނަށް އަމާޒުކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނާ ގުޅޭ ތަމްރީން ޕްރޮގްރާމެއް މިއަދު (14 މޭ 2022 ގައި) ފަށައިފިއެވެ. މި ޕްރޮގްރާމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، މި ޤާނޫނަށް ފަނޑިޔާރުން އަހުލުވެރިކުރުމުގެ ގޮތުން ބޭއްވޭ ފުރަތަމަ ތަމްރީން ޕްރޮގްރާމެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އެވެ.

 މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި، ޤާނޫނު ދެނެގަނެ އެ ޤާނޫނު އޭގެ އެންމެ ފުރިހަމަ ގޮތުގައި ނެގެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފައިވެއެވެ. އަދި ޤާނޫނުގެ ޙުކޫމަތު ނެގެހެއްޓުމަކީ ޙުކުމަކުން ޤާނޫނު ނެގެހެއްޓުން ނޫންކަމާއި، އެއީ ޤާނޫނުގައި އޮތް ގޮތަށް ޙުކުމްތައް ބިނާކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، އެންމެ ފުރިހަމަ ގޮތުގައި ޤާނޫނު ތަންފީޛުކުރެވޭނީ ޙިކްމަތްތެރިކަމާއެކު، ވިސްނާ ފިކުރުކޮށްގެންކަމާއި، ބޭރުގެ ނުފޫޒުތަކުން އެއްކިބާވެ ތިބެ، ޤާނޫނު ތަންފީޛުކޮށްގެންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކޯވިޑް 19 އާ ގުޅިގެން ޢަމަލުކުރަން ފެށުނު އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މައްސަލަތައް ހިންގުމުގެ ޕްރޮސެސް ކުރިއަށް ގެންދިޔުމުގެ މުހިންމުކަމާއި، އެ ވަޞީލަތްތަކުގެ އެހީގައި ހަލުވިކަމާއެކު މައްސަލަތައް ހިންގުމަށް މަގުފަހިވެގެންދާނެކަމެއް ކަން އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މަދަނީ އިޖުރާއަތުގެ ބިލު 16 ޑިސެންބަރު 2021 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރައްވާފައިވާއިރު، 16 ޖޫން 2022 ގައި މި ޤާނޫނަށް އަމަލުކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނަކީ ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާ މެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި، ޙުކުމް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ އިޖުރާޢަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާ ބެހޭ އާންމު އުޞޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ ޤާނޫނެކެވެ. މި ޤާނޫނުގެ މަޤްސަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ.

މިއަދުގެ ތަމްރީން ޕްރޮގްރާމްގައި މާލޭ ކޯޓުތަކުގެ 22 ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވައެވެ. މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު އަދި ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުލްމަތީން އެވެ.

ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުން މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ގޮތުން ސިލްސިލާކޮށް ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައިވެއެވެ. މިގޮތުން، މެޖިސްޓްރޭޓުންނަށް އަމާޒުކޮށް ބޭއްވޭ މި ޕްރޮގްރާމްގެ ދެވަނަ ބުރު މާދަމާ މާލޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އޮންލައިންކޮށް އަދި އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައިވެސް މި ޤާނޫނާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.