ތައާރަފް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ދިވެހިރާއްޖޭގެ އަދުލުއިންސާފު ގާއިމްކުރުމުގެ ބާރުގެ އާއްމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގެ 1-21 (ހ) ގެ ދަށުން އުފެދިފައިވާ އިދާރާއެކެވެ. މި ގާނޫނުގެ މި މާއްދާގެ ދަށުން މި ޑިޕާޓްމަންޓް އަލުން އުފެދުމާއެކު ހަމަ އެ ނަމުގައި ކުރިން ހިނގަމުންދިޔަ ޑިޕާޓްމަންޓް ވަނީ އުވިފައެވެ. އަދި، އެތަނުގެ މުވައްޒަފުންނާއި އެހެނިހެން ވަސީލަތްތަކާއި މާލީ ޒިންމާތައް ވަނީ މި ޑިޕާޓްމަންޓަށް ބަދަލުކުރެވިފައެވެ. މި ޑިޕާޓްމަންޓަކީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 45 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން އަދުލުއިންސާފު ގާއިމްކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ދައުލަތުގެ އޮފީސްތަކުގެ މާލީ ކަންކަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ދައުލަތުގެ މަސްއޫލު އޮފީހެވެ.

ވިޜަން

އިދާރީ ހިންގުމުގެ ރޮނގުން އެންމެ ކުރިއަރާފައިވާ އައު އެފެއްދުންތެރި މަރުކަޒަކަށްވުން.

މިޝަން

ފަސޭހަކަމާއި ހަލުވިކަމާއެކު މަތީ ފެންވަރުގެ އިންސާފު ފޯރުކޮށްދިނުމުގައި ފަނޑިޔާރުންނަށާއި ކޯޓުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ހަރުދަނާ ގޮތެއްގައި ކޯޓުތައް ހިންގުމަށާއި ތަރައްގީކުރުމަށް ބޭނުންވާ ސިޔާސަތަކާއި އުސޫލުތައް ކޯޓުތަކުގެ މަޝްވަރާގެ މަތިން އެކުލަވާލުމާއި ހިންގުން.

ތާރީހާއި މާޒީ

ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ އައު ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމާ ގުޅިގެން މިނިސްޓްރީ އޮފް ޖަސްޓިސް އުވި، ކޯޓުތަކުގެ އިދާރީ ކަންކަން ހިންގާ ބެލެހެއްޓުމަށްޓަކައި “ޖުޑީޝަލް އެޑްމިނިސްޓްރޭޓިވް ސަރވިސަސް” ގެ ނަމުގައި 2008 ވަނަ އަހަރު އިދާރާއެއް އުފެދުނެވެ. އަދި، 2018 ސެޕްޓެމްބަރު 04 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނު ތަސްދީގްކުރުމާއެކު، ދިވެހިރާއްޖޭގެ އަދުލުއިންސާފު ގާއިމްކުރުމުގެ ބާރުގެ އާއްމު އިދާރީ ކަންކަން ރާވައި ހިންގުމުގެ ޒިންމާ އެ ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) ދަށުން އެ ކޮމިޝަނުގެ ދަށަށް ބަދަލުވެފައިވެއެވެ. އަދި، އެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެ ކޮމިޝަންގެ ދަށުން “ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން” ގެ ނަމުގައި ވަކި އޮފީހެއް ހިނގަމުން ދިޔައެވެ. އެ ނަމުގައި އެ އޮފީސް އުފެދުނީ 2018 އޮކްޓޯބަރު 01 ގައެވެ.

އެހެންނަމަވެސް، އެ އިދާރާ އަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ހިނގާ އިދާރާއެއްގެ ގޮތުގައި އެ ކޯޓުގެ ރޫލިންގ ނަންބަރު 2008/SC-RU/01 (2018 ޑިސެމްބަރ 02) އިން ކަނޑައަޅައި އެ ގޮތުގެ މަތިން ހިންގަން ފަށާފައިވެއެވެ. އޭގެ ފަހުން، 2010 އޮކްޓޯބަރު 21 ގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު އަށް އަމަލުކުރަންފެށުމާ ހަމައަށް އެގޮތުގައި އެ ޑިޕާޓްމަންޓް ހިނގަމުން ގޮސް، އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެ އިދާރާ އުވި އުއްތަމަ ފަނޑިޔާރުގެ ބެލުމުގެ ދަށުން ހިނގާ ގޮތަށް ހަމަ އެ ނަމުގައި އައު އިދާރާއެއް އުފެދިގެން ދިޔައެވެ.

އެހެންނަމަވެސް، އެ އިދާރާ ހިނގަން ވާނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އަމަލުކުރުމުގެ ކުރިން ހިނގި ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ކަމަށް އެ ކޯޓުގެ ރޫލިން ނަންބަރު 2011/SC-RU/02 (2011 މާރިޗް 14) އިން ކަނޑައެޅުމާއެކު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނަށް 2 ވަނަ އިސްލާހް ގެނައުމުގެ ގާނޫނު 2019 ސެޕްޓެމްބަރ 03 ގައި ތަސްދީގްކުރުމާ ހަމައަށް އަދުލުއިންސާފު ގާއިމްކުރުމުގެ ބާރުގެ އާއްމު އިދާރީ ކަންކަން އެ ގޮތުގެ މަތިން އަނެއްކާވެސް ހިނގަމުން ދިޔައެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ އިދާރީ ހިންގުން އިންތިޒާމު ކުރެވެމުން އައިގޮތް

2020: ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ އައްޔަނުކުރެއްވުން

2018: ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމުން ޙަސަން ސަޢީދު ޙުސައިން ވަކިކުރައްވާ، އެމަޤާމަށް ޑރ. އަބްދުﷲ ނަޒީރު އައްޔަނުކުރެއްވުން

2015: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް ޙަސަން ސަޢީދު ޙުސައިން ހަމަޖެއްސެވުން.

2013: ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ މަގާމުގައި ހުންނެވި އިބްރާހީމް އަޙްމަދު މަނިކު މަގާމުން ވަކިވުން.

2011: 14 މާޗް 2011 ގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2011/SC-RU/02 ރޫލިންގްއިން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 90، 91، 92، 93 އަދި94 ވަނަ މާއްދާ އުވާލައިކުރިއެކޭ އެއްފަދައަކުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2011/SC-RU/02 ރޫލިންގްއާ އެއްގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމް ކޯޓުގެ ދަށަށް ގެންދެވުން.

2010: 21 އޮކްޓޯބަރ 2010 ގައި ޤާނޫނު ނަންބަރު 2010/22 “ދިވެހިރާއްޖޭގެ ޤާނޫނު” ގެ 90 ވަނަ މާއްދާގެ (ހ)ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަލުން އުފެއްދުން.

2009: ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ މަގާމަށް އިބްރާހީމް އަޙްމަދު މަނިކު ހަމަޖެއްސެވުން.

2008: 2 ޑިސެމްބަރު 2008 ގައި ސުޕްރީމް ކޯޓުގެ ނަންމަބރު 2008/SC-RU/01 ރޫލިންގް އިން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) އުވާލާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށަށް ގެންދެވުން.

2008: 1 އޮކްޓޯބަރ 2008 ގައި ޤާނޫނު ނަންބަރު 2008/10 “ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު” ގެ 21 ވަނަ މާއްދާގެ (ބ) ގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޖުޑީޝަލް ސަރވިސަސް އުވާލައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުން.

2008: މިހާރު އަމަލު ކުރަމުންދާ ޤާނޫނު އަސާސީ ތަޞްދީޤުކުރެއްވުމާ ގުޅިގެން 07 އޯގަސްޓް 2008ގައި މިނިސްޓްރީ އޮފް ޖަސްޓިސް އުވާލުން. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓިވް ސަރވިސަސް އުފެއްދުން

1996: މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ނަން މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަމަށް ބަދަލުކުރެއްވުން

1993: މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަން މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ނަމަށް ބަދަލުކުރުން.

1968: މަޙްކަމަތުއް ޝަރުޢިއްޔާގެ ނަން މިނިސްޓްރީ އޮފް ޖަސްޓިސް އަށް ބަދަލުކުރެއްވުން.

1934: ވުޒާރަތުލް ޙައްޤާނިއްޔާ ގެ ނަން، މަޙުކަމަތުއް ޝަރުޢިއްޔާއަށް ބަދަލުކުރެއްވުން.

1932: ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ފާސްވެ ވުޒާރަތުލް ޙައްޤާނިއްޔާ (މިނިސްޓްރީ އޮފް ޖަސްޓިސް) އުފެއްދެވުން. އަދި ވަޒީރުލް ޙައްޤާނިއްޔާގެ ގޮތުގައި އައްޝައިޚް ޙުސައިން ޞަލާޙުއްދީން އިސްކުރެވުނެވެ