ޕިއަރ- ޓު- ޕިއަރ ޑިސްކަޝަން ފޯރަމް

ފަނޑިޔާރުންނަށް އަމާޒުކޮށްގެން ދެދުވަހުގެ މުއްދަތަށް (17 – 18 މެއި) އަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުރިއަށްގެންދިޔަ ޕިއަރ-ޓު-ޕިއަރ ޑިސްކަޝަން ފޯރަމް މިއަދު ނިމިއްޖެއެވެ. މި ފޯރަމަކީ، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގުޅިގެން އަދި ޔޫކޭ ހައިކޮމިޝަންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ، ފަނޑިޔާރުންގެ މަސައްކަތްތަކާއި ގުޅުންހުރި މައުޟޫޢުތަކަކަށް ފަނޑިޔާރުން އެކުގައި ޚިޔާލު ބަދަލުކޮށް، މަޝްވަރާކޮށް، އަދި ފަނޑިޔާރުންގެ މެދުގައި ތަޖުރިބާ ޙިއްސާކުރުމަށް ކުރިއަށް ގެންދެވުނު ފޯރަމެކެވެ.

މި ފޯރަމްގެ ތެރެއިން، އަދުލް އިންސާފު ފޯރުކޮށްދިނުމުގައި ކުރިމަތިވާ ހުރަސްތަކާއި އަދި އެކަންކަން ހައްލުކުރޭވޭނެ ގޮތްތަކާ ގުޅޭގޮތުން ފަނޑިޔާރުންގެ މެދުގައި މަޝްވަރާކޮށް ޚިޔާލުބަދަލު ކުރެވިގެންދިޔައެވެ. އަދި މީގެ އިތުރުން، މަދަނީ އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޤަވާޢިދުތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވެއެވެ.

މި ފޯރަމް ފެސިލިޓޭޓްކޮށްދެއްވީ، ޔޫ.އެން.ޑީ.ޕީ ގެ ކޮންސަލްޓަންޓް ޖަޖް މެލްކަމް ސިމަންސްއެވެ. މި ފޯރަމްގެ މަޝްވަރާތަކުގެ ތެރެއިން، ޖަޖް މެލްކަމްގެ ނޮލެޖް އަދި އިންޓަރނޭޝަނަލް ތަޖުރިބާގެ އަލީގައި ފަނޑިޔާރުންނަށް ބޭނުންވާ މުހިއްމު މައުލޫމާތުތައްވެސް ހިއްސާކުރެވިގެންދިޔައެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ދުވަހުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް އަދުނާން ބައިވެރިވެ ވަޑައިގެންނެވިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ސުޕީރިއާ ކޯޓުގެ ޤާޟީންނާއި، މެޖިސްޓްރޭޓުން ހިމެނޭގޮތުން ޖުމްލަ 14 ފަނޑިޔާރުން މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނެވިއެވެ.