ފަނޑިޔާރުންގެ މަހާސިންތާ 2022

2022 ވަނަ އަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ ބާއްވައިފިއެވެ. ފަނޑިޔާރުންގެ މަހާސިންތާއަކީ، ކޯޓުތަކަށް ދިމާވާ އެކިއެކި ދަތިތަކާ، ތަރައްގީކުރަންޖެހޭ ދާއިރާތައް ދެނެގަނެ އެކަންކަމާ ބެހޭގޮތުން ހިޔާލުބަދަލުކޮށް މަޝްވަރާކުރުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ސިލްސިލާ ގޮތެއްގައި ބާއްވަމުންގެންދާ ބައްދަލުވުމެކެވެ. ނަމަވެސް، ކޮވިޑްގެ ހަލަތާއި ގުޅިގެން 02 އަހަރު މެދުކެނޑުމަކަށްފަހު މި ބައްދަލުވުން މިއަހަރު ބޭއްވިފައިވަނީ މާރިޗު މަހުގެ 26 އިން 27 އަށް ހުޅުލޭ އައިލެންޑް ހޮޓެލްގައެވެ.

މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު އިފްތިތާހްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ. މި އަހަރުގެ މަހާސިންތާގައި ސުޕްރީމް ކޯޓުގެ އެންމެހާ ފަނޑިޔާރުންނާއި އެހެނިހެން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ފަނޑިޔާރުން އަދި ޗީފް އެޑްމިނިސްޓްރޭޓަރުންނާއި ރަޖިސްޓްރާރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މިއަހަރުގެ މަހާސިންތާ ޚާއްސަކުރެވިފައިވަނީ ޝަރުއީދާއިރާގެ ދުރުރާސްތާ ޕްލޭން އެކުލަވާލުމަށެވެ. މިއީ އަދުލު އިންސާފުގެ ނިޒާމާއި ކޯޓުތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ކުރެވިދާނެ ކަންކަން ބަޔާންކުރެވިގެން އެކުލެވޭ ޕްލޭންއެކެވެ.

މިއަހަރުގެ މަހާސިންތާ ފެއްޓުމުގެ ރަސްމިއްޔާތުގައި ޗިފް ޖުޑީޝާލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ އައިޝަތު ރިޒްނާ ވަނީ މިއަހަރުގެ މަހާސިންތާގެ ޒަރިއްޔާއިން އެކުލަވާލެވޭ ސްޓްރަޓީޖިކް ޕްލޭންއަކީ  މުޅި ޝަރުޢީ ދާއިރާގެ ފެންވަރު މިހާރަށްވުރެ އިތުރަށް ރަނގަޅުކުރެވޭނެ ފަދަ އެކްޝަން ޕްލޭން އަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.