ޤަޟާއީ އަހަރު 2022

ޤަޟާއީ އަހަރު 2022 އިފްތިތާޙްކުރުމުގެ ހާއްސަ ރަސްމިއްޔާތު އިސްލާމީ މަރުކަޒުގެ ހޯލްގައި މިރޭ ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. ޤަޟާއީ އަހަރު ހުޅުވުމުގެ ރަސްމިއްޔާތަކީ ޖުޑީޝަލް އަހަރު ފެށުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ ރަސްމިއްޔާތެކެވެ.

 ޤަޟާއީ އަހަރު ފެށުމުގެ ގޮތުން ބޭއްވޭ ރަސްމިއްޔާތަކި ފާއިތުވެދިޔަ ޤަޟާއީ އަހަރު ހާސިލްކުރެވުނު ކާމިޔާބީތައް ފާހަގަކޮށް، ދަސްވި ފިލާވަޅުތަކާ މެދު ފުންކޮށް ވިސްނާ އެ ކަންތައްތަކުގެ އަލީގާ އަދުލް އިންސާފަށް ވާސިލުވެވޭނެ މަގު ފަހިކުރުމަށް އަޒުމް ކަނޑައަޅައި މަސައްކަތް ކުރުމެވެ.

މި ރަސްމިއްޔާތުގައި، ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ފަނޑިޔާރުންގެ ޚިދުމަތުގެއަގު ވަޒަންކޮށް ތަކްރީމްކުރެވުނެވެ. އަދި ޝަރަފްވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާ 19 ފަނޑިޔާރުންނަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް އަދްނާން މެޑައްޔާ، ޝަރަފްގެ މުގުރާއި، ފަތްކޮޅު އަރުވާފައިވެއެވެ.  

އިންޓެގްރޭޓެޑް ކޯޓް މެނެޖްމަންޓް ސިސްޓަމްގެ ދަށުން ޝަރުޢީ ދާއިރާގެ މަސައްކަތްތައް އޮޓޮމޭޓްކޮށް، ހަރުދަނާކުރުމުގެ ގޮތުން ޑިވެލޮޕްކޮށްފައިވާ 3 އެޕްލިކޭޝަންއެއް ވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ އިފްތިތާހްކުރެވިފައެވެ. އެއީ މެރިޖް އެޕްލިކޭޝަން ޕޯޓަލްއާއި ކޭސް ރިޕޯޓަރއާއި ޗިޓް އެޕްލިކޭޝަންއެވެ.

މެރިޖް އެޕްލިކޭޝަން ޕޯޓަލްއަކީ އޮންލައިންކޮށް ކާވެންޏާގުޅޭ ޚިދުމަތްތަކަށް ހުށަހެޅޭނެގޮތް ހެދުމަށްޓަކައި ތަޢާރުފްކޮށްފައިވާ ޕޯޓަލްއެކެވެ. ކޭސް ރިޕޯޓަރއަކީ ކޯޓުތަކުގެ ނިންމުންތައް ފަސޭހައިން އެއްޕްލެޓްފޯމަކުން ހޯދައިލެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަގުސަދުގައި ތައްޔާރުކުރެވިފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ކޯޓުތަކުގެ ނިންމުންތައް ދިރާސާކުރައްވާ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފަސޭހައިން މައުލޫމާތު ހޯދޭނެ މަގު ފަހިވެގެންދާނެއެވެ. ޗިޓު އެޕްލިކޭޝަންއަކީ މައްސަލަތާކާ ގުޅިގެން ކޯޓަށް މީހުން ހާޒިރުކުރުމަށް ފޮނުވަންޖެހޭ އަމުރުތައް، އިލެކްޓްރޯނިކް ޒަރީޔާއިން ފޮނުވުމުގެ ނިޒާމު ތަޢާރަފުކުރާ އެޕްލިކޭޝަނެކެވެ. މީގެ ސަބަބުން ހަރަދުކުޑަވެ ކޯޓު އަމުރު ރައްދުކުރުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުވެގެން ދާނެއެވެ. މި އެޕްލިކޭޝަންތައް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އާ ވެބްސައިޓް އިފްތިތާހު ކުރެވުނެވެ.  އާ ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސް، އަލްއުސްތާޛާ ޙިސާން ހުސައިން އެވެ.

ރަސްމިއްޔާތު ނިންމާލީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާން ސްޓޭޓް އޮފް ޖުޑީޝަރީގެ އެޑްރެސް އިއްވުމުންނެވެ.