ކްރިމިނަލް އެވިޑެންސްއާ ބެހޭ ތަމްރީން ޕްރޮގްރާމް

ޔޫ.އެސް. ޑިޕާޓްމަންޓް އޮފް ޖަސްޓިސް އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ‘ޓްރެއިނިންގ ޕްރޮގްރާމް އޮން ކްރިމިނަލް އެވިޑެންސް’ ގެ ނަމުގައި 28 ފެބުރުވަރީ 2022 ވަނަ ކުރިއަށް ގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމް މިއަދު ނިންމާލައިފިއެވެ. ކްރިމިނަލް އެވިޑެންސަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވުނު، މި ޕްރޮގްރާމުގެ ސެޝަންތައް ކުރިއަށް ގެންދިއުމުގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ) ގެ ފަރާތުން އެހީތެރިކަން ލިބިފައިވެއެވެ.

މި ޓްރެއިނިންގ މަޤުޞަދަކީ، ޖިނާއީ ބޮޑެތި މައްސަލަތަކުގައި، ކްރިމިނަލް އެވިޑެންސް އަދި ޑިޖިޓަލް އެވިޑެންސްގެ ދައުރާ އަދި އެ ދާއިރާތަކަށް ފަނޑިޔާރުން ހޭލުންތެރި ކުރުވައި، އަދި ބައިނަލް އަޤުވާމީ ޖޫރިސްޑިކްޝަންތަކުގެ ތަޖްރިބާގެ ފުރުޞަތުތައް ދިވެހިރާއްޖޭގެ ޖުޑީޝަރީގެ ފަނޑިޔާރުންނަށް ހޯދައިދީ ހޭލުންތެރި ކުރުވުމެވެ.

ތިންގަޑިއިރަށް ކުރިއަށް ގެންދެވުނު މި ޓްރެއިނިންގ ފެސިލިޓޭޓް ކޮށްދެއްވުމުގައި ބޭރުގެ ކަމާގުޅޭ ފަންނީ މާހިރުން ބައިވެރިވަޑައިގެން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި، ކްރިމިނަލް އެވިޑެންސް އަދި ޑިޖިޓަލް އެވިޑެންސްގެ ދާއިރާއާ ގުޅޭ ތަފާތު ގިނަ މަޢުލޫމާތު ޙިއްޞާ ކުރައްވާފައިވެއެވެ. މިގޮތުން، މި ޓްރެއިނިންގގައި ބައިވެރިވެ ވަޑައިގެންނެވި ކަމާގުޅޭ ބޭރުގެ މާހިރުންގެ ތެރޭގައި U.S. District Court Judge, the Honorable David O. Carter އާއި DOJ-OPDAT Resident Legal Advisor Ye-Ting Woo ހިމެނިވަޑައިގަންނަވައެވެ. އަދި މީގެ އިތުރުން، މި ޓްރެއިނިންގ ޕްރޮގްރާމުގެ މަޝްވަރާތަކުގައި ޔޫ.އެން.އޯ.ޑީ.ސީ.ގެ މޯލްޑިވްސް ރެޕްރެޒެންޓެޓިވް މރ.އެންރިކޯ ބޮނިންސެންޏާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމުގައި ތިރީގައި މިވާ މަޢުޟޫޢުތަކަށް އަލިއަޅުވާލެވިފައިވެއެވެ.

Fundamentals of Criminal Evidence

Specialized topics in criminal evidence: Terrorism, Drug Trafficking Money Laundering

Unique considerations of digital evidence in criminal trials.

މި ޕްރޮގްރާމުގައި ސުޕީރިއާރ ކޯޓްތަކާއި މެޖިސްޓްރޭޓް ކޯޓުތައް ހިމެނޭގޮތުން މުޅި ޖުމްލަ 48 ފަނޑިޔާރަކަށް ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ވަނީ ދެވިފައެވެ