ޖުޑީޝަލް އެކަޑަމީން ކުރިއަށް ގެންދާ “ކޯޓު ރޫމްގައިވާ ކުއްޖާ ދެނެގަތުން” ތަމްރީން ޕްރޮގްރާމް މިއަދު ފެށިއްޖެ

ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ކުރިއަށް ގެންދާ “ކޯޓު ރޫމްގައިވާ ކުއްޖާ ދެނެގަތުން” ޓްރެއިނިންގ އޮފް ޓްރޭނަރސް (ޓީ.އޯ.ޓީ) ތަމްރީން ޕްރޮގްރާމް މިއަދު ފެށިއްޖެއެވެ. 2 އޮކްޓޯބަރު 2022 އިން 6 އޮކްޓޯބަރު 2022 އަށް ކުރިއަށް ގެންދާ  5ދުވަހުގެ މި ތަމްރީން ޕްރޮގްރާމްގައި ފެމިލީ ކޯޓު، ޖުވެނައިލް ކޯޓު، ޑްރަގް ކޯޓު އަދި މެޖިސްޓްރޭޓް ކޯޓުތައް ހިމެނޭހެން ޖުމްލަ 18 ބައިވެރިން ބައިވެރިވެއެވެ.  މީގެ ތެރޭގައި  12 ފަނޑިޔާރުންނާއި 6 ލީގަލް އޮފިސަރުން ހިމެނެއެވެ. މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވަނީ ޔުނިސެފްގެ ފަރާތުން ލީގަލް އަދި ސައިކޮލޮޖީ އެކްސްޕާރޓުންނެވެ.

މި ޕްރޮގްރާމަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު 2019 އާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު 2019 ގެ އިތުރުން މިކަމާގުޅޭ ގަވާއިދުތަކުގައި ކުޑަކުދިންނާގުޅޭ މައްސަލަތައް ބެލުމަށްޓަކައި ޚާއްޞަ ތަމްރީނު ލިބިދޭންވާނެކަމަށް ބަޔާންކޮށްފައިވުމާއެކު، މި މަޤްސަދު ހާސިލްކުރުމަށްޓަކައި މި ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޔުނިސެފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ  ތަމްރީން ޕްރޮގްރާމެކެވެ. މި ތަމްރީނުގެ މަޤްޞަދަކީ، ޖިނާއީ ނިޒާމުގެ ތެރޭގައިވާ ކުޑަކުދިންގެ ޙާލަތާއި އަޙްލާޤާގުޅޭ ކަންކަން އިތުރަށް ދަސްކޮށްދިނުމެވެ. މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ، ކުޑަކުދިންނަށް ކުރާ އަނިޔާ، ކުޑަކުދިން ހެދިބޮޑުވުމުގެ އަސާސީ ތައާރަފް ، ކުޑަކުދިންނާ މުއާމަލާތުކުރުން، ޑިސްކްލޯޒަރގެ ޕްރޮސެސް، ކުޑަކުދިންނާ ދެކޮޅަށް ކުރާ އަނިޔާގެ އަސަރުތަކާއި ހެކިބަސް ދިނުމުން ކުރާ އަސަރުތަކުގެ އިތުރުން ކުޑަކުދިންނާ ރައްޓެހި އުސޫލުތައް ހިންގުމާއި ކޯޓުތަކުގައި ޝަރުޢީ ގޮތުން ކުޑަކުދިން ބެލެހެއްޓުމާ ގުޅޭ ގޮތުންނެވެ.

މި ޕްރޮގްރާމަކީ  ޓްރެއިނިންގ އޮފް ޓްރޭނަރސް (ޓީ.އޯ.ޓީ) ތަމްރީން ޕްރޮގްރާމެއްކަމުން، ކުރިއަށް އޮތް ތަނުގައި މި ޕްރޮގްރާމްގެ ބައިވެރިންނާއި ފެސިލިޓޭޓަރުން އެކުވެ އިތުރު ތަމްރީން ޕްރޮގްރާމްތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.