ދިވެހިރާއްޖޭގެ ކޯޓުތަކުގައި އިސްތިއުނާފުކުރުން

މިއީ ޝަރުޢީ ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމާބެހޭ މަޢުލޫމާތު ދިނުމަށް އެކުލަވައިލާފައިވާ ކަރުދާހެކެވެ. މި ކަރުދާހުގައި ހިމެނޭ މަޢުލޫމާތަކީ މި ކަރުދާސް އެކުލަވައިލިއިރު ލިބެންހުރި އެންމެ ފަހުގެ މަޢުލޫމާތެވެ. މި ކަރުދާސް އެކުލަވައިލީ 01 ޖެނުއަރީ 2016 ގައެވެ.

ހައިކޯޓުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުގެ މުއްދަތު

ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 39 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ހައިކޯޓުން އެ ނިންމުމެއް ނިންމިތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައެވެ. އަދި މި 60 ދުވަސް ގުނާނީ ހައިކޯޓުން މައްސަލަ ނިންމި ދުވަހާއި މުއްދަތުހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭގޮތަށެވެ.

ހައިކޯޓުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގައި ޢަމަލުރާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އިޖުރާއާތާ އެއްގޮތްވާ ގޮތުގެމަތީންނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރަންޖެހޭ ޖިނާއީ މައްސަލަތައް އިލްތިމާސް ކުރުމުގެ މުއްދަތު

ހައިކޯޓުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 39 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން، ހައިކޯޓުން އެ ނިންމުމެއް ނިންމިތާ 60 (ފަސްދޮޅަސް) ދުވަހެވެ. މި 60 (ފަސްދޮޅަސް) ދުވަސް ގުނާނީ ހައިކޯޓުން މައްސަލަ ނިންމި ދުވަހާއި، މުއްދަތު ހަމަވާ ދުވަހާއި، އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށެވެ.

އެހެންނަމަވެސް، ކޯޓުތަކުން ނިންމާ ޖިނާއީ މައްސަލަތަކުގެ ތެރެއިން އެ މައްސަލައެއްގެ ޙުކުމް ތަންފީޛްކުރުމަށްޓަކައި ހައިކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަށަވަރުކުރަންޖެހޭ މައްސަލަތަކުގައި، ހައިކޯޓުން އެ މައްސަލައެއްގައި ޙުކުމްކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އިސްތިއުނާފުކުރުމަށްޓަކައި ޙުކުމް އިސްތިއުނާފު ކުރުމުގެ ޙައްޤު އޮތް ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާންވާނެކަމަށް 08 ނޮވެމްބަރ 2015 ވަނަ ދުވަހު ނެރުއްވާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/13/SC ސަރކިއުލަރ އިން ވަނީ ކަނޑައަޅުއްވާފައެވެ. މި 30 (ތިރީސް) ދުވަސް ގުނާނީ ބަންދުދުވަސްތައް ހިމެނޭގޮތަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ، ހައިކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށްޓަކައި، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނީ ޕްރޮސިކިއުޓަރ ޖެނެރަލް ކަންވެސް ވަނީ ކަނޑައަޅުއްވާފައެވެ.

ދަށު ކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރަންޖެހޭ ޖިނާއީ މައްސަލަތައް އިސްތިއުނާފުކުރުމުގެ މުއްދަތު

ދަށުކޯޓުތަކުން ނިންމާ ޖިނާއީ މައްސަލަތަކުގެ ތެރެއިން އެ މައްސަލައެއްގެ ޙުކުމް ތަންފީޒުކުރުމަށްޓަކައި ހައިކޯޓުގައި އިސްތިއުނާފުކުރެވި ހައިކޯޓުން ޙުކުމް ކަނޑައަޅަންޖެހޭ އަދި ހައިކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަށަވަރުކުރަންޖެހޭ މައްސަލަތަކުގައި، ދަށު ކޯޓުން އެ މައްސަލައިގެ ޙުކުމް ކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ޙައްޤު އޮތް ފަރާތުން އެ މައްސަލަ ނިންމި ކޯޓެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރ ގައިވާ ގޮތުންގެމަތިން އިސްތިއުނާފުކުރަން އެދޭކަން ކަށަވަރުކުރަން ޖެހެއެވެ. އަދި މި މުއްދަތު ހަމަވާއިރު ކަށަވަރުކޮށް ނުދީފިނަމަ 10 (ދިހައެއް) ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، ޙުކުމްކުރި ކޯޓުން އެ މައްސަލައިގެ ފައިލް، ލިޔުންތަކާއެކު 7 (ހަތެއް) ދުވަހުގެ ތެރޭގައި ހައި ކޯޓަށް ފޮނުވަންޖެހެއެވެ. އަދި ފައިލް، ހައިކޯޓަށް ލިބޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލަށާއި، ދަށު ކޯޓުގައި ދަޢުވާލިބުނު ފަރާތަށް އެންގުމާއެކު އެ މައްސަލަ ބަލައި ނިންމުމަށްޓަކައި، އިޖުރާއީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނީ ދިވެހިރާއްޖޭގެ ހައިކޯޓުންނެވެ.

ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމްކުރެވޭ ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފުކުރުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ފަސޭހަކަމާއެކު އަވަހަށް އެއްވެސް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް އިންޞާފު ލިބިދެވޭނެ މަގު ތަނަވަސް ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ 2 ސަރަޙައްދެއްގައި، އެ ސަރަޙައްދެއްގެ ދަށުކޯޓުތަކުގެ ނިންމުންތައް އެ ސަރަޙައްދެއްގައި އިސްތިއުނާފު ކުރުމުގެ ފުރުޞަތު ލިބިދިނުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ހަމަޖެހިގެން ދިއުމާއި ގުޅިގެން، މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރެވޭނީ އެކޯޓެއް ނިސްބަތްވާ ސަރަޙައްދެއްގައި ޤާއިމުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮތްޕަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރގައިވާ ގޮތުގެމަތިން އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަތައް ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކުރެވޭ ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފުކުރުމުގެ އިންތިޒާމް ޤަވާޢިދުން ހަމަޖެހެންދެން އެ ގޮފިތަކަށް ހުށަހެޅުމަށްޓަކައި އެ ސަރކިއުލަރގެ ޖަދުވަލު 01 ގައިވާ ފޯމް (ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމް) ހަމަޖެހިފައިވާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން 10 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅުމުން، އިސްތިއުނާފު ފޯމުތައް ހުށަހަޅާތާ 07 ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ފައިލް ލިޔުންތަކާއެކު، ދިވެހިރާއްޖޭގެ އުތުރުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮތްޕަށާއި ދިވެހިރާއްޖޭގެ ދެކުނުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮތްޕަށާއި މާލޭގައި ޤާއިމުކުރެވިފައިވާ ހައިކޯޓަށް ފޮނުވުމަށް ޓަކައި ފޮނުވަންޖެހެނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށެވެ.

ދިވެހިރާއްޖޭގެ ދެކުނުގައި ޤާއިމުކުރެވޭ ހައިކޯޓު/ ދެކުނު ގޮފި ޤާއިމްކޮށް ޝަރީޢަތް ހިންގުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ އިންތިޒާމްތައް 2015 ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހައިކޯޓު/ ދެކުނު ގޮފީގައި ޤަވާޢިދުން ޝަރީޢަތްތައް ބާއްވަމުން ގެންދާގޮތަށް ހަމަޖައްސަވައި، އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ޢާންމުކުރައްވާފައެވެ.

އެހެންކަމުން، 16 ޑިސެމްބަރ 2015 ވަނަ ދުވަހުން ފެށިގެން، ދިވެހިރާއްޖޭގެ ދެކުނުގައި ޤާޢިމުކުރެވޭ ހައިކޯޓުގެ ސަރަޙައްދަށް ނިސްބަތްވާ ދަށުކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް، އިސްތިއުނާފު ކުރަމުން ގެންދާނީ ހައިކޯޓު/ ދެކުނު ގޮތްޕަށެވެ.

ފުރަތަމަ މަރުޙަލާގެ ކޯޓު ނުވަތަ ޓްރައިބިއުނަލުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމުގެ މުއްދަތު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ( ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓާއި ދިވެހިރާއްޖޭގެ 02 ސަރަޙައްދުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފު ކުރުމާބެހޭ) ސަރިކިއުލަރގައިވާ ގޮތުގެމަތީން ފުރަތަމަ މަރުޙަލާގައި ހިމެނޭ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމުންތައް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅަންޖެހޭ 10 ދުވަހުގެ މުއްދަތު ގުނާނީ ފުރަތަމަ މަރުޙަލާގެ ކޯޓު ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށެވެ. އަދި މިގޮތުން ފުރަތަ މަރުޙަލާގެ ކޯތުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުން، އެ މައްސަލަ އިސްތިއުނާފު ކުރަންޖެހޭ ކޯޓަށް މައްސަލަ ނިންމި ކޯޓުން ނުވަތަ ޓްރައިބިއުނަލުން އެ މައްސަލައިގެ ފައިލް ލިޔުންތަކާއިއެކު ފޮނުވަންޖެހޭ 07 ދުވަހުގެ މުއްދަތު ގުނާނީ ފުރަތަމަ މަރުޙަލާގެ ކޯޓު ނުވަތަ ޓްރައިބިއުނަލަށް އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި ދުވަހާއި، މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށެވެ.

10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅަންޖެހޭނީ، 15 ފެބްރުއަރީ 2015 އިން ފެށިގެން ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމާ ނިންމުންތައް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރގެ ޖަދުވަލު 1 ގައިވާ “ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމު” ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން 10 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އިސްތިއުނާފުކުރުމަށްޓަކައި ހުށަހަޅަންޖެހޭނީ، 15 ފެބްރުއަރީ 2015 އިން ފެށިގެން ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމާ ނިންމުންތަކުގައި ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/04 ޢާއްމު ސިޓީން އަންގަވާފައި ވެއެވެ.