ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިދެއްވައިފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް މިއަދު ހުޅުވައިދެއްވައިފިއެވެ.

ކ. ހުރާގައި މިއަދު ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި އިންސާފު ޤާއިމްކުރުމުގެ ބާރަކީ ފަނޑިޔާރުންނަށް ރައްޔިތުން ދީފައިވާ ރައްޔިތުންގެ ބާރެއްކަމަށާއި، ރައްޔިތުންނެކޭ އެއްފަދައިން  ކޯޓުގެ އަދަބު ސަދަބު ހިފަހައްޓައި ކޯޓުގެ ހުރުމަތް ހިފެހެއްޓުމަކީ ފަނޑިޔާރުންގެވެސް ޒިންމާއެއްކަމުގައި ފާހަގަކުރެއްވިއެވެ.

އަދި ފަސޭހަކަމާއެކު އިންސާފު ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް ކަމަކީ އިންސާފު ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ޚަރަދު ކުޑަކުރުންކަމާއި އިންސާފު ހޯދުމުގެ ޚަރަދު ބޮޑުވާނަމަ އިންސާފު ލިބުމަށް ހުރަސް އެޅިގެންދާނެކަން އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގައިވެސް ފީ އަކާ ނުލާ މަސައްކަތްކޮށްދެއްވާ ވަކީލުން އެބަ ތިއްބެވިކަމަށާއި، އެބޭފުޅުން އެކުރައްވާ މަސައްކަތުން ރައްޔިތުންނަށް އިންސާފަށް ވާޞިލްވުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާކަން ފާހަގަކޮށް އެބޭފުޅުން ކޮށްދެއްވާ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް އުއްތަމަ ފަނޑިޔާރު ޝުކުރު އަދާކުރެއްވިއެވެ.

އަދި ޝަރީޢަތްތަކާ ގުޅުންހުރި ދުވަސްވީ ލިޔުންތައް ފަނޑިޔާރުން ދިރާސާކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައި، މިފަދަ ދިރާސާތައް ކުރުމަކީ ފަނޑިޔާރުންގެ ޢިލްމީ ޤާބިލްކަން އިތުރުވެގެން ދާނެކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިފަދަ ދިރާސާތައް ކުރުމަކީ ޢަދަލު އިންސާފު ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ މުހިންމު ޢިލްމީ ވަޞީލަތަކަށް ވެގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ.

މިދަތުރުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ދަޢުލަތުގެ ބަންޑާރަނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު،  ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛު މަސްތޫރު ޙުސްނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު އަލްފާޟިލާ އާމިނަތު އުއްމުކުލްޘޫމް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު އަދި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، އަލްފާޟިލް މުޙައްމަދު ނާޞިޙްގެ އިތުރުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ބައިވެރިވެވަޑައިގަންނަވައެވެ.

މިގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛު މަސްތޫރު ޙުސްނީ، މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ކޯޓުތަކުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، މިގޮތުން ގިނަ ކޯޓުތަކެއްގެ ޢުމްރާނީ ތަރައްޤީއަށާއި ޝަރުޢީ ދާއިރާގެ ބަޖެޓު އެހެން އަހަރުތަކަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން، އެއްވެސް ތަފާތުކުރުމެއް ނެތި، ހުރިހާ ފަރާތްތަކަށްވެސް ޚިދުމަތް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ޚިދުމަތް ލިބިގަންނަ ފަރާތަކީ ވަކީލެއް ކަމުގައިވިޔަސް ނުވަތަ ޢާންމު ރައްޔިތަކު ކަމުގައިވިޔަސް އެފަރާތްތަކަށް ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިއަދު ހުޅުވުނު ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތަކީ، 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކ. ހުރާ ކައުންސިލްއާ ޙަވާލުކުރެވިގެން ކުރެވުނު މަސައްކަތެކެވެ.

ކ.ހުރާ މެޖިސްޓްރޭޓް ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ 02 ކޮޓަރީގެ ޖާގައިގެ ދަތިކަން ހުރި ޢިމާރާތެއްގެ ތެރޭގައެވެ. އެގޮތުން ޝަރީޢަތްތައް ހިންގުމާއި، އިދާރީ މަސައްކަތްތަކާއި، ކޯޓުގެ އިދާރީ ހިންގުމާގުޅޭ އެންމެހައި ކަންކަން ހިންގައި ބަލަހައްޓަމުން ގެންދިޔައީ ވަރަށް ދަތިކޮށެވެ. އެހެންނަމަވެސް، މިއަދު ރަސްމީކޮށް ބޭނުންކުރަން މިފެށުނު ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ފަރުމާކުރެވިފައިވަނީ، މިހާރުގެ ޤާނޫނުތަކުން ތަސައްވަރު ކުރާ ފަދަ ގޮތަކަށް ޝަރީޢަތްތައް ހިންގުމަށް ބޭނުންވާނެ ޖާގައާއި ވަސީލަތްތައް ހިމެނޭ ގޮތަށެވެ. އެގޮތުން ޝަރީޢަތްކުރާނެ މާލަމަކާއި، މެޖިސްޓްރޭޓުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ވަކިން ޚާއްޞަކުރެވިފައިވާ ބައިތަކުގެ އިތުރުން ސްޓޭންޑަރޑް ކޯޓެއްގައި ފުރިހަމަވާންޖެހޭ ގިނަ ކަންކަން ހިމެނޭގޮތަށެވެ. އޭގެ ތެރޭގައި ޝަރުޢީ ލިޔެކިޔުންތައް އަރުޝީފް ކުރާނެ ޖާގައިގެ އިތުރުން ޢާންމުންނަށް ޚިދުމަތް ފޯރުކޮށް ދިނުމަށް ފަސޭހަވާނެހެން ރިސެޕްޝަން އޭރިއާއަކާއި ވެއިޓިންގ އޭރިއެއް މިކޯޓުގައި ހިމެނެއެވެ.