ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިދެއްވައިފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް މިއަދު ހުޅުވައިދެއްވައިފިއެވެ.

ހއ.ބާރަށުގައި މިއަދު ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ދުނިޔެ އަވަސް ސްޕީޑެއްގައި ތަރައްގީވަމުން ދާއިރު، އަދުލު އިންސާފު ފޯރުކޮށްދިނުމުގެ ކަންކަންވެސް އަވަސްވެ ތަރައްގީވާންވާނެކަން ފާހަގަކުރެއްވިއެވެ. އަދި އަދުލު އިންސާފު ފޯރުކޮށްދިނުމާއެކު ހުރިހާ ފަނޑިޔާރުންވެސް އިހުސާންތެރިވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ޤާނޫނު އަސާސީ އިން ހައްގުތައް ކަށަވަރުކޮށްދެވޭއިރު، ހަމަ އެ ޤަނޫނު އަސާސީ އިން މަސްއޫލިއްޔަތު ތަކާއި ވާޖިބުތައްވެސް ކަނޑައަޅާފައިވާކަމަށާއި އެހެން ކަމުން ހައްގުތަކާއެކު ކޮންމެ ބޭފުޅެއްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކެއް ވާނެކަން ހަނދުމަފުޅުކުރެއްވުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

މިދަތުރުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛު މަސްތޫރު ޙުސްނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު އަލްފާޟިލާ އާމިނަތު އުއްމުކުލްޘޫމް އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ބައިވެރިވެވަޑައިގެންނެވިއެވެ.

މިގޮތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، އިމާރާތުގެ މަސައްކަތް ފުރިހަމަކުރުމަށްޓަކައި ހއ.ބާރަށު ކައުންސިލް އަދި މަސައްކަތް ޙަވާލުކުރެވުނު ކޮންޓްރެކްޓަރގެ ފަރާތުން ކޮށްދެއްވި މަސައްކަތް ފާހަގަކޮށް، އެފަރާތްތަކަށް ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ހއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓާއި ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުން މެދުކެނޑުމެއްނެތި ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށްވެސް ވަނީ ޝުކުރު ދަންނަވާފައެވެ. މީގެ އިތުރުން އަލަށް ހުޅުވުނު ކޯޓު އިމާރާތުގައި މަސައްކަތްކުރަން ފެށުމާއެކު، ކޯޓުން ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އަދުލު އިންސާފަށް ފަސޭހައިން ވާސިލްވެވޭނެ މަގު ތަނަވަސް ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އިތުރަށް ހަލުވިވެގެން ދާނެކަމަށްވެސް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ހުޅުވުނު ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތަކީ، 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހއ.ބާރަށު ކައުންސިލްއާ ޙަވާލުކުރެވިގެން ކުރެވުނު މަސައްކަތެކެވެ.

ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ 02 ކޮޓަރީގެ ޖާގައިގެ ޢިމާރާތެއްގެ ތެރޭގައެވެ. އެގޮތުން ޝަރީޢަތްތައް ހިންގުމާއި، އިދާރީ މަސައްކަތްތަކާއި، ކޯޓުގެ އިދާރީ ހިންގުމާގުޅޭ އެންމެހައި ކަންކަން ހިންގައި ބަލަހައްޓަމުން ގެންދިޔައީ ވަރަށް ދަތިކޮށެވެ. އެހެންނަމަވެސް، މިއަދު ރަސްމީކޮށް ބޭނުންކުރަން މިފެށުނު ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ފަރުމާކުރެވިފައިވަނީ، މިހާރުގެ ޤާނޫނުތަކުން ތަސައްވަރު ކުރާ ފަދަ ގޮތަކަށް ޝަރީޢަތްތައް ހިންގުމަށް ބޭނުންވާނެ ޖާގައާއި ވަސީލަތްތައް ހިމެނޭ ގޮތަށެވެ. އެގޮތުން ޝަރީޢަތްކުރާނެ ވަކި 02 މާލަމަކާއި، މެޖިސްޓްރޭޓުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ވަކިން ޚާއްޞަކުރެވިފައިވާ ބައިތަކުގެ އިތުރުން ސްޓޭންޑަރޑް ކޯޓެއްގައި ފުރިހަމަވާންޖެހޭ ގިނަ ކަންކަން ހިމެނޭގޮތަށެވެ. އޭގެ ތެރޭގައި ކޯޓަށް ހާޒިރުވާ ވަކީލުން މަޑުކުރުމަށް ހާއްސަ ރޫމަކާއި، ޕޮލިސް ޕޯސްޓަކާއެކު ކުށުގެ ތުހުމަތުގައި ހާޟިރުކުރެވޭ ފަރާތްތައް ވަކިން ބައިތިއްބާނެ ތަނަކާއި، ކޮންފަރެންސް ރޫމް އަދި ޝަރުޢީ ލިޔެކިޔުންތައް އަރުޝީފް ކުރާނެ ޖާގައިގެ އިތުރުން ޢާންމުންނަށް ޚިދުމަތް ފޯރުކޮށް ދިނުމަށް ފަސޭހަވާނެހެން ރިސެޕްޝަން އޭރިއާއަކާއި ވެއިޓިންގ އޭރިއެއް މިކޯޓުގައި ހިމެނޭ ހިމެނެއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ހއ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ހއ.މުރައިދޫ މެޖިސްޓްރޭޓް ކޯޓު، ހއ.ވަށަފަރު މެޖިސްޓްރޭޓް ކޯޓު، ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓު، ހއ.އިހަވަންދޫ މެޖިސްޓްރޭޓް ކޯޓު، އަދި ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުވުންތަކުގައި ކޯޓުގެ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާ ވާހަކަ ދައްކަވާފައިވެއެވެ. މި ދަތުރުފުޅުގައި ކުރިއަށް ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.