‘އަރބިޓްރޭޝަން، މީޑިއޭޝަން އެންޑް ސެޓްލްމަންޓް’ ވަރކްޝޮޕް ފެށުން

ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) ގެ ‘ސަޕޯޓިންގ ޖަސްޓިސް ސެކްޓަރ ރިފޯރމް އެންޑް އެންޓި-ކޮރަޕްޝަން އިން ދަ ރިޕަބްލިކް އޮފް ދަ މޯލްޑިވްސް’ ޕްރޮޖެކްޓްގެ ދަށުން، ޔޫރަޕިއަން ޔޫނިއަންއާއި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން، 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1-2 އަށް އަރބިޓްރޭޝަން، މީޑިއޭޝަން، ސެޓްލްމަންޓް (Arbitration, Mediation and Settlement) ގެ ނަމުގައި ފަނޑިޔާރުންނަށް އަމާޒުކޮށްގެން ވަރކްޝޮޕެއް ފެށިގެން ކުރިއަށް އެބަދެއެވެ.

އަރބިޓްރޭޝަން، މީޑިއޭޝަން، ސެޓްލްމަންޓް މި ނަމުގައި ކުރިއަށްގެންދާ މި ވޯރކްޝޮޕްގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ޖުޑިޝަރީގައި މަސައްކަތްކުރައްވާ ފަނޑިޔާރުން، އަލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަންގެ މެތަޑްތަކަށް އަހުލުވެރިކުރުވައި އެކަމުގެ ޤާބިލުކަން އިތުރުކުރުވުމެވެ. މިގޮތުން މި ވަރކްޝޮޕްގައި، އާބިޓްރޭޝަން އަދި މީޑިއޭޝަންގެ މައިގަނޑު އަސާސްތަކާއި، މަދަނީ އަދި ޢާއިލީ މައްސަލަތަކުގައި އާބިޓްރޭޝަން އަދި މީޑިއޭޝަންގެ އުސޫލުތައް ގެންގުޅޭނެގޮތާއި އަދި ބައިނަލްއަޤްވާމީ އާރބިޓްރޭޝަން ޤާނޫނުތަކާ ގުޅޭ ސެޝަންތައްހިމެނިފައިވެއެވެ. އަދި އަރބިޓްރޭޝަން، މީޑިއޭޝަން، ސެޓްލްމަންޓާއި ގުޅޭ ކަންކަމުގައި ބޭނުންކުރެވިދާނެ އެކި އެކި ޓެކްނިކްސްތަކާއި މުޢާމަލާތްކުރުމުގައި ޢަމަލުކުރެވިދާނެ ގޮތުގެ އުސޫލްތަކަށް ވެސް އަލިއަޅުވާލެވިގެންދާނެއެވެ.

މި ވަރކްޝޮޕްގައި ފެމިލީ ކޯޓާއި އަދި ސިވިލް ކޯޓުގެ ޤާޟީންގެ އިތުރުން، ލ. ގއ. ގދ. ޏ އަދި ސ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތައް ހިމެނޭގޮތަށް ޖުމްލަ 28 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

މި ޕްރޮގްރާމްގެ ސެޝަންތައް މައިގަނޑުގޮތެއްގައި ފެސިލިޓޭޓްކޮށްދެއްވަނީ ޔޫރަޕިއަން ޔޫނިއަން ގެ ކަމާގުޅޭ ކޮންސަލްޓަންޓް، ޑރ. ރައިނަރ ޑެވިލްއާއި ޑރ. އެޕޯސްޓަަލޯސް އެންތިމޯސް އެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެ މަޢުޟޫތަކަށް ލޯކަލް ކޮންޓެކްސްޓް ގެނައުމަށްޓަކައި ލޯކަލް ފެސިލިޓޭޓަރުންގެ ގޮތުގައި، ރާއްޖޭގެ ފެމިލީ ކޯޓުގެ ޤާޟީންކަމަށްވާ، އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު އަދި ސިވިލް ކޯޓުގެ ޤާޟީ، އަލްއުސްތާޛު ޒުބައިރު މުޙައްމަދު ވެސް ސެޝަންތައް ނަންގަވައިދެއްވާނެއެވެ. އަދި މޯލްޑިވްސް އިންޓަރނޭޝަނަލް އަރބިޓްރޭޝަން ސެންޓަރގެ ފަރާތުން އެ ސެންޓަރގެ ވައިސް ޗެއަރމަން އަލްއުސްތާޛު ޙުސައިން ސިރާޖު އާއި ލީގަލް ކައުންސެލް އަލްއުސްތާޛާ އާމިނަތު ރާޔާ ޢަލީ އާއި ލީގަލް ކައުންސެލް އަލްއުސްތާޛާ މަންޝާ ޢަބްދުﷲ ޞާލިޙުގެ އިތުރުން ފެމިލީ ކޯޓުގެ މީޑިއޭޝަންއާގުޅޭ މަސައްކުރައްވާ ބޭފުޅުން ކަމުގައިވާ، މުޙައްމަދު ފަޒީލު، އަދި ޙައްވާ ޝަޒްނާ ވެސް މި ވަރކްޝޮޕްގައި ސެޝަން ނަންގަވައިދެއްވާނެއެވެ.

އަދި މި ވަރކްޝޮޕްގެ ތެރޭގައި މި މަޢުޟޫތަކުން ބޭރުން، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން ޓެރަރިޒަމްއާއި ގުޅޭ ބްރީފިންގ ސެޝަންއެއް ވެސް ނަންގަވައިދެއްވާނެއެވެ. މިއީ، އަމާން ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމުގައި، ޖުޑިޝަރީގެ ދައުރަށް އަލިއަޅުވާލައި އަދި ފާހަގަކުރެވޭ ޙައްސާސީ މައްސަލަތަކަށް ފަނޑިޔާރުން އަހުލުވެރި ކުރުވުމުގެ ގޮތުން، ވާރކްޝޮޕްގެ ތެރޭގައި އިންތިޒާމް ކުރެވިފައިވާ ސެޝަނެކެވެ. މި ސެޝަން ކުރިއަށް ގެންދަވާނީ އެންސީޓީސީގެ ހެޑް އޮފް ރިސާރޗް އެންޑް ޕަބްލިކޭޝަން، މޭޖަރ އިބްރާހިމް ތައުފީޤު އެވެ.