ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް 2023

2023 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލާފިއެވެ. މި މަޖިލީހަކީ ޤާނޫނު ނަންބަރު: 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ) ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 2-33 ވަނަ މާއްދާގެ (ވ) އިން މި ޑިޕާޓްމަންޓަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން އެކުލަވާލަފައިވާ މަޖިލީހެކެވެ. ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މި މަޖިލިސް އެކުލެވިގެންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި އަދި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެއް ހިމެނޭ ގޮތަށް 3 (ތިނެއް) ފަނޑިޔާރުންގެ މައްޗަށެވެ. 

މި އަހަރުގެ މަޖިލީހުގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް އަދި ޖުވެނައިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އަޙްމަދު ޝަރީފްއެވެ. 

ފަނޑިޔާރަކާގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު  މަޤާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅަން ޖެހޭނީ މި މަޖިލީހަށެވެ. 

2022 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ތިއްބެވި ފަނޑިޔާރުން ކޮށްދެއްވި އިޙްލާސްތެރި ޚިދުމަތަށް މި ފުރުސަތުގައި ޝުކުރުއަދާކުރަމެވެ.   

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހުށަހެޅޭ މައްސަލަތަކާއި މެދު ނިންމާ ގޮތުގެ ރިޕޯޓު މި ޑިޕާޓްމަންޓުގެ ވެބްސައިޓުގައި ޝާޢިޢުކުރެވޭނެއެވެ. 

ޤާޟީ އަލްއުސްތާޛު އަޙްމަދު ޝަރީފް
 ޖުވެނައިލް ކޯޓު
ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް
ދިވެހިރާއްޖޭގެ ހައިކޯޓު
ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު