މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތަމްރީން ޕްރޮގްރާމްގެ 13 ވަނަ ބުރު ފެށިއްޖެ

ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ސިލްސިލާކޮށް ކުރިއަށްގެންދާ މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމަށް ބާއްވާ ތަމްރީން ޕްރޮގްރާމްގެ 13 ވަނަ ބުރު މިއަދު ފެށިއްޖެއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދުއެވެ. މިޕްރޮގްރާމް އިފްތިތާހުކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދުވަނީ މި ގާނޫނުގެ ބާވަތަށް ބަލާއިރު މިގާނޫނު ހިންގުމަކީ ފަނޑިޔާރުންގެ އިތުރުން ކޯޓުތަކުގެ މުވައްޒަފުންނާއި އެކަމާ ގުޅޭ އެހެނިހެން ފަރާތްތައް ޝާމިލްވެގެން ހިންގޭނެ ގާނޫނެއްކަމުން، މިފަދަ ތަމްރީން ޕްރޮގްރާމްތަކުގައި އިދާރީ މުވައްޒަފުން ޝާމިލްވެ، މިގާނޫނާ ގުޅޭ ގޮތުން އަހުލުވެރިވުމަށްޓަކައި މިފަދަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި މީގެ ސަބަބުން މިހާތަނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެވި، އިތުރަށް ދިރާސާކުރުމަށް ބޭނުންވާ ހިޔާލުތަކާ ވިސްނުންތަކާއެކު، މުރާޖަޢާކުރުމަށް ފަސޭހަވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ދެއްކެވި ވާހަކަފުޅުގައި ވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނު ވުޖޫދަށް އައިސް އެ ޤާނޫނަށް އަމަލުކުރަން ފެށިފައިވާއިރު، މިއީ ޝަރީޢަތްކުރުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ އިޖުރާއަތުގެ ޤާނޫނެއްކަން ފާހަގަކުރައްވާފައެވެ. އަދި މިހިނގާ ޑިސެންބަރު މަސް ނިމުމުގެ ކުރިން މިހާތަނަށް މިތަމްރީން ހިންގިފައިނުވާ އަތޮޅުތަކަށް އަމާޒުކޮށް މި ތަމްރީން ޕްރޮގްރާމް ހިންގުމަށް ޝެޑިއުލްކުރެވިފައިވާކަމަށާއި، މި ތަމްރީން ޕްރޮގްރާމްތައް ހިންގުމުގައި ޖުޑީޝަލް އެކެޑަމީގެ މުވައްޒަފުންގެ ހީވާގި މަސައްކަތް ފާހަގަކުރައްވާފައިވެއެވެ.

މިއަދު ފެށުނު ތަމްރީން ޕްރޮގްރާމްގައި ކ، އއ، އދ، ތ އަދި ގއ ޖުޑީޝަލް ދާއިރާތަކުން މެޖިސްޓްރޭޓުން، ލީގަލް އޮފިސަރުން، ޗީފް އެޑްމިނިސްޓްރޭޓަރުން އަދި އިދާރީ މުވައްޒަފުން ހިމެނޭހެން ޖުމްލަ 80 ބޭފުޅުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އަޙްމަދު ޢަބްދުލްމަތީން އަދި ސިވިލް ކޯޓުގެ ކުރީގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދުގެ އިތުރުން ސިވިލް ކޯޓުގެ ރަޖިސްޓްރާރ އަލްއުސްތާޛު ޢަބްދުއްސަލާމް ޢަލީއެވެ.

މި ޕްރޮގްރާމުގައި މަދަނީ އިޖުރާއަތުގެ މަޤްސަދުތަކާއި މަދަނީ އިޖުރާއަތުގެ ޤާނޫނުން އަލަށް ތަޢާރަފްކުރެވުނު ހަމަތަކާއި ބަދަލުތަކާ ގުޅޭ ގޮތުން މައުލޫމާތު ދެވޭނެއެވެ. އަދި މަދަނީ މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރީކުރުމުން ފެށިގެން ޝަރީޢަތުގެ އިދާރީ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާއި، ރައްދު ދަޢުވާ އާއި އިތުރު ދަޢުވާ އަދި ޢައިރު ހާޟިރުގައި ހުކުމްކުރުމާއި ގޮތުން މައުލޫމާތު މައުލޫމާތު ދެވޭނެއެވެ. މީގެ އިތުރުން ކޯޓު އަމުރާއި ވަގުތީ އަމުރު ނެރުމާއި އަދި އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލަތައް ހިންގާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީ، ޢަމަލީ ސިފައެއްގައި މިކަންކަން ކުރާނެ ގޮތްތައް ކިޔައިދެވޭނެއެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު، ދިވެހިރާއްޖޭގެ ހައިކޯޓު، ސިވިލް ކޯޓު އަދި ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ އިތުރުން ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގދ، ޏ އަދި ސ އަތޮޅުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނަށް މިހާތަނަށް ވަނީ ސެޝަންތައް ނަގާދެވިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި، މިތަމްރީން ޕްރޮގްރާމް ހިންގިފައިނުވާ ޖުޑީޝަލް ދާއިރާތަކަށް ވެސް މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށް ގެންދެވޭނެއެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނަކީ ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާ މެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި، ޙުކުމް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ އިޖުރާޢަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާ ބެހޭ އާންމު އުޞޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ ޤާނޫނެކެވެ. މި ޤާނޫނުގެ މަޤްސަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ. 16 ޑިސެންބަރު 2021 ގައި ތަސްދީޤުކުރެއްވި މި ޤާނޫނަށް 16 ޖޫން 2022 ގައި ޢަމަލުކުރަން ފަށާފައިވާއިރު، މިއީ މަދަނީ ޢަދުލުގެ ނިޒާމަށް އައި ތާރީޚީ ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.