މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތަމްރީން ޕްރޮގްރާމްގެ 11 ވަނަ ބުރު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އިފްތިތާޙްކޮށްދެއްވައިފި

ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ސިލްސިލާކޮށް ކުރިއަށްގެންދާ މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމަށް ބާއްވާ ތަމްރީން ޕްރޮގްރާމްގެ 11 ވަނަ ބުރު މިއަދު ފެށިއްޖެއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އެވެ. މިޕްރޮގްރާމް އިފްތިތާހުކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުވަނީ  ފަނޑިޔާރުންނާއި އިދާރީ މުވައްޒަފުންގެ ފަރާތުން އަދުލު އިންސާފު ގާއިމްކުރުމަށްޓަކައި ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި އަދުލު އިންސާފު ގާއިމްކުރުމުގައި ހަމަހަމަކަމާއި، ގާނޫނުތަކާއި މެދު ފުރިހަމައަށް ވިސްނުމަށްފަހު ވިސްނުންތެރިކަމާއެކު އިންސާފު ގާއިމްކުރުމުގެ މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. މިގޮތުން އިންސާފު ގާއިމްކުރުމުގައި ފިތުރަތުގެ އުސޫލާއި ގާނޫނުތަކުގެ ހަމަތަކާއި، އިންސާފު ލިބޭ ގޮތަށް ހަމަހަމަކަމާއެކު ހުކުމްކުރުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތަކުގެ މާނަ ހާސިލްވާ ގޮތަށް ކޯޓުތަކުގެ ނިންމުން ބައްޓަންކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މިއަދު ފެށުނު ތަމްރީން ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު، ކްރިމިނަލް ކޯޓު އަދި ނ، ޅ، ވ، ފ އަދި ދ ޖުޑީޝަލް ދާއިރާތަކުން މެޖިސްޓްރޭޓުން، ލީގަލް އޮފިސަރުން، ޗީފް އެޑްމިނިސްޓްރޭޓަރުން އަދި އިދާރީ މުވައްޒަފުން ހިމެނޭހެން ޖުމްލަ 66 ބޭފުޅުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުލްމަތީން އަދި ސިވިލް ކޯޓުގެ ކުރީގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދުގެ އިތުރުން ސިވިލް ކޯޓުގެ ރަޖިސްޓްރާރ އަލްއުސްތާޛު ޢަބްދުއްސަލާމް ޢަލީ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ލީގަލް އޮފިސަރ އަލްއުސްތާޛާ ރަޒާނާ އިބްރާހީމް އެވެ. މި ޕްރޮގްރާމުގައި މަދަނީ އިޖުރާއަތުގެ މަޤްސަދުތަކާއި މަދަނީ އިޖުރާއަތުގެ ޤާނޫނުން އަލަށް ތަޢާރަފްކުރެވުނު ހަމަތަކާއި ބަދަލުތަކާ ގުޅޭ ގޮތުން މައުލޫމާތު ދެވޭނެއެވެ. އަދި މަދަނީ މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރީކުރުމުން ފެށިގެން ޝަރީޢަތުގެ އިދާރީ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާއި، ރައްދު ދަޢުވާ އާއި އިތުރު ދަޢުވާ އަދި ޢައިރު ހާޟިރުގައި ހުކުމްކުރުމާއި ގޮތުން މައުލޫމާތު މައުލޫމާތު ދެވޭނެއެވެ. މީގެ އިތުރުން ކޯޓު އަމުރާއި ވަގުތީ އަމުރު ނެރުމާއި އަދި އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލަތައް ހިންގާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީ، ޢަމަލީ ސިފައެއްގައި މިކަންކަން ކުރާނެ ގޮތްތައް ކިޔައިދެވޭނެއެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު، ދިވެހިރާއްޖޭގެ ހައިކޯޓު، ސިވިލް ކޯޓު އަދި ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ އިތުރުން ހއ، ހދ، ށ، މ، ތ، ލ، ޏ އަދި ސ އަތޮޅުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނަށް މިހާތަނަށް ވަނީ ސެޝަންތައް ނަގާދެވިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި، މިތަމްރީން ޕްރޮގްރާމް ހިންގިފައިނުވާ ޖުޑީޝަލް ދާއިރާތަކަށް ވެސް މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށް ގެންދެވޭނެއެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނަކީ ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާ މެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި، ޙުކުމް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ އިޖުރާޢަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާ ބެހޭ އާންމު އުޞޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ ޤާނޫނެކެވެ. މި ޤާނޫނުގެ މަޤްސަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ. 16 ޑިސެންބަރު 2021 ގައި ތަސްދީޤުކުރެއްވި މި ޤާނޫނަށް 16 ޖޫން 2022 ގައި ޢަމަލުކުރަން ފަށާފައިވާއިރު، މިއީ މަދަނީ ޢަދުލުގެ ނިޒާމަށް އައި ތާރީޚީ ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.