ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިދެއްވައިފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް މިއަދު ހުޅުވައިދެއްވައިފިއެވެ. ރ.އަނގޮޅިތީމުގައި މިއަދު ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ކޯޓުން ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޢާންމު ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މުހިންމުކަމާއި، ކުޑަކުދިން ކޯޓަށް ހާޒިރުކުރަންޖެހޭ ފަދަ މައްސަލަތަކުގައި އެކުދިން ކޯޓަށް ހާޒިރުނުކޮށް ޝަރީޢަތްކުރެވޭނެ ގޮތްތައް އިޙްތިޔާރުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވައި، އަދި އެ ކުދިން ކޯޓަށް ހާޒިރުކުރަންޖެހޭ މައްސަލަ ތަކުގައިވެސް  ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ.  މިދަތުރުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ކަނޑައެޅުނު ޓާގެޓާ އެއްގޮތަށް ޢިމާރާތުގެ މަސައްކަތް ފުރިހަމަކުރުމަށްޓަކައި ރ. އަނގޮޅިތީމު ކައުންސިލް އަދި މަސައްކަތް ޙަވާލުކުރެވުނު ކޮންޓްރެކްޓަރގެ ފަރާތުން ކޮށްދެއްވި މަސައްކަތް ފާހަގަކޮށް، އެފަރާތްތަކަށް ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ރ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓާއި ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުން މެދުކެނޑުމެއްނެތި ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށްވެސް ވަނީ ޝުކުރު ދަންނަވާފައެވެ. އަދި އަލަށް ހުޅުވުނު ކޯޓު އިމާރާތުގައި މަސައްކަތްކުރަން ފެށުމާއެކު، ކޯޓުން ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އަދުލު އިންސާފަށް ފަސޭހައިން ވާސިލްވެވޭނެ މަގު ތަނަވަސް ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އިތުރަށް ހަލުވިވެގެން ދާނެކަމަށްވެސް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ހުޅުވުނު ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތަކީ، 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރ. އަނގޮޅިތީމު ކައުންސިލްއާ ޙަވާލުކުރެވިގެން ކުރެވުނު މަސައްކަތެކެވެ. އަދި ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ފެށި، މި މަސައްކަތް ޙަވާލުކުރެވުނުތާ 8 މަސް ދުވަހުގެ ތެރޭގައި ވަނީ ކޯޓު ޢިމާރާތްކޮށް ނިމިފައިވެއެވެ.

ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ 02 ކޮޓަރީގެ ޖާގައިގެ ޢިމާރާތެއްގެ ތެރޭގައެވެ. އެގޮތުން ޝަރީޢަތްތައް ހިންގުމާއި، އިދާރީ މަސައްކަތްތަކާއި، ކޯޓުގެ އިދާރީ ހިންގުމާގުޅޭ އެންމެހައި ކަންކަން ހިންގައި ބަލަހައްޓަމުން ގެންދިޔައީ ވަރަށް ދަތިކޮށެވެ. އެހެންނަމަވެސް، މިއަދު ރަސްމީކޮށް ބޭނުންކުރަން މިފެށުނު ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ފަރުމާކުރެވިފައިވަނީ، ޝަރީޢަތްކުރާނެ ވަކި މާލަމަކާއި، މެޖިސްޓްރޭޓުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ވަކިން ޚާއްޞަކުރެވިފައިވާ ބައިތައް ހިމެނޭގޮތަށް، ޢާންމުންނަށް ޚިދުމަތް ފޯރުކޮށް ދިނުމަށްވެސް ފަސޭހަވާނެ ގޮތަށެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ރ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި ވަނީ  ރ. އަނގޮޅިތީމު އަދި ރ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތުގައި އަލަށް ބެހެއްޓުނު ދިދަ ދަނޑީގައި ފުރަތަމަ ފަހަރަށް ޝަރުޢީ ދާއިރާގެ ދިދަ ނަންގަވައިދެއްވާފައެވެ. އަދި ރ. ވާދޫ މެޖިސްޓްރޭޓް ކޯޓު، ރ. ރަސްގެތީމު މެޖިސްޓްރޭޓް ކޯޓު އަދި ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުވުންތަކުގައި ކޯޓުގެ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާ ވާހަކަދައްކަވާފައިވެއެވެ. މި ދަތުރުފުޅުގައި ކުރިއަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.