މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތަމްރީން ޕްރޮގްރާމްގެ 10 ވަނަ ބުރު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އިފްތިތާޙްކޮށްދެއްވައިފި

ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ސިލްސިލާކޮށް ކުރިއަށްގެންދާ މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމަށް ބާއްވާ ތަމްރީން ޕްރޮގްރާމްގެ 10 ވަނަ ބުރު މިއަދު ފެށިއްޖެއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އެވެ. ޅ، ވ، މ، އަދި ދ. އަތޮޅުގެ ބައިވެރިންނަށް އަމާޒުކޮށް ކުރިއަށްމިދާ މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ ތަމްރީން ޕްރޮގްރާމް އިފްތިތާހުކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މި ގަވާއިދު ހެދުމުގެ މުހިއްމުކަމުގެ މައްޗަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލިއަޅުވާލެއްވިއެވެ. މި ގޮތުން މައްސަލަތައް ފަސޭހަކަމާއި އަވަސްކަމާއެކު ނިންމޭނެ ގޮތްތައް ފަހިވެގެން ދިއުމުގެ އިތުރުން، މި ފަދަ ކަންކަމަކީ މި މަސައްކަތުގައި އުޅުއްވާ ފަރާތްތައް ޚިޔާލު ބަދަލުކޮށް، ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން އުފެއްދުންތެރި މަޝްވަރާތަކެއްކުރެވިގެންދާނެ ފަދަ ތަމްރީންތަކެއްކަން ފާހަގަކުރެއްވިއެވެ. މިއަދު ފެށުނު ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 47 ބޭފުޅުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 7 މެޖިސްޓްރޭޓުންގެ އިތުރުން ޗީފް އެޑްމިނިސްޓްރޭޓަރުން، ލީގަލް އޮފިސަރުން އަދި އިދާރީ މުވައްޒަފުން ހިމެނޭހެން 40 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުލްމަތީން އަދި ސިވިލް ކޯޓުގެ ކުރީގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދުގެ އިތުރުން ސިވިލް ކޯޓުގެ ރަޖިސްޓްރާރ އަލްއުސްތާޛު ޢަބްދުއްސަލާމް ޢަލީ އާއި ސިވިލް ކޯޓުގެ ލީގަލް އޮފިސަރ އަލްއުސްތާޛާ އާމިނަތު ހައިފާ އެވެ. މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ޚުލާސާއާއި މިޤާނޫނުން އަލަށް ތަޢާރަފްކުރެވުނު ހަމަތަކާއި ބަދަލުތަކާ ގުޅޭ ގޮތުންނެވެ. އަދި މަދަނީ މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރީކުރުމުން ފެށިގެން ޝަރީޢަތުގެ އިދާރީ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާއި، ރައްދު ދަޢުވާ އާއި އިތުރު ދަޢުވާ އަދި ޢައިރު ހާޟިރުގައި ހުކުމްކުރުމާއި ގޮތުން މައުލޫމާތު މައުލޫމާތު ދެވޭނެއެވެ. މީގެ އިތުރުން ކޯޓު އަމުރާއި ވަގުތީ އަމުރު ނެރުމާއި އަދި އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލަތައް ހިންގާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީ، ޢަމަލީ ސިފައެއްގައި މިކަންކަން ކުރާނެ ގޮތްތައް ކިޔައިދެވޭނެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު، ދިވެހިރާއްޖޭގެ ހައިކޯޓު، ސިވިލް ކޯޓު އަދި ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ އިތުރުން ހއ، ހދ، ށ، ތ، ލ، ޏ އަދި ސ އަތޮޅުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނަށް މިހާތަނަށް ވަނީ ސެޝަންތައް ނަގާދެވިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި، މިތަމްރީން ޕްރޮގްރާމް ހިންގިފައިނުވާ ޖުޑީޝަލް ދާއިރާތަކަށް ވެސް މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށް ގެންދެވޭނެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނަކީ ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާ މެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި، ޙުކުމް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ އިޖުރާޢަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާ ބެހޭ އާންމު އުޞޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ ޤާނޫނެކެވެ. މި ޤާނޫނުގެ މަޤްސަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ. 16 ޑިސެންބަރު 2021 ގައި ތަސްދީޤުކުރެއްވި މި ޤާނޫނަށް 16 ޖޫން 2022 ގައި ޢަމަލުކުރަން ފަށާފައިވާއިރު، މިއީ މަދަނީ ޢަދުލުގެ ނިޒާމަށް އައި ތާރީޚީ ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.