ލ. ފޮނަދޫގައި ކުރިއަށްދާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތަމްރީން ޕްރޮގްރާމްގެ 09 ވަނަ ބުރު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އިފްތިތާޙްކޮށްދެއްވައިފި

ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ސިލްސިލާކޮށް ކުރިއަށްގެންދާ މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމަށް ބާއްވާ ތަމްރީން ޕްރޮގްރާމްގެ 09 ވަނަ ބުރު މިއަދު ލ. ފޮނަދޫގައި ފެށިއްޖެއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އެވެ. ލ. އަދި ތ. އަތޮޅަށް އަމާޒުކޮށް  ކުރިއަށްމިދާ މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ ތަމްރީން ޕްރޮގްރާމް އިފްތިތާހުކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޝަރުޢީ ދާއިރާއަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުވާލައި، މި ބަދަލުތަކާއެކުވެސް އިންސާފު ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ފޯރުކޮށްދިނުމުގެ މުހިންމުކަން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. މިއަދު ފެށުނު ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 61 ބޭފުޅުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 19 މެޖިސްޓްރޭޓުންގެ އިތުރުން ޗީފް އެޑްމިނިސްޓްރޭޓަރުން، ލީގަލް އޮފިސަރުން އަދި އިދާރީ މުވައްޒަފުން ހިމެނޭހެން 45 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުލްމަތީން އަދި ސިވިލް ކޯޓުގެ ކުރީގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދުގެ އިތުރުން ސިވިލް ކޯޓުގެ ރަޖިސްޓްރާރ އަލްއުސްތާޛު ޢަބްދުއްސަލާމް ޢަލީ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ލީގަލް އޮފިސަރ އަލްއުސްތާޛާ ޚަލްދާ މުޙައްމަދު އެވެ. މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ، މި ޤާނޫނުގެ ދަށުން މައްސަލަ ބަލައިގަތުމާއި ޝަރީޢަތްކުރުން އަދި ޙުކުމް ތަންފީޛުކުރުމާ ގުޅޭގޮތުންނެވެ. އަދި މަދަނީ މައްސަލަތަކުގައި، މައްސަލަ ބަލައިގަތުމާ ހަމައިން ފެށިގެން ޙުކުމްކުރުމާ ހަމައަށް މައްސަލައާ ގުޅިގެން އިދާރީ ކަންކަން ކުރިއަށް ގެންދާނެގޮތްތަކާއި ޚަރަދު ނަގައިދިނުމުގައި ހިސާބުކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީ، ޢަމަލީ ސިފައެއްގައި މިކަންކަން ކުރާނެ ގޮތްތައްވެސް ކިޔައިދެވޭނެއެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނަކީ ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާ މެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި، ޙުކުމް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ އިޖުރާޢަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާ ބެހޭ އާންމު އުޞޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ ޤާނޫނެކެވެ. މި ޤާނޫނުގެ މަޤްސަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ. 16 ޑިސެންބަރު 2021 ގައި ތަސްދީޤުކުރެއްވި މި ޤާނޫނަށް 16 ޖޫން 2022 ގައި ޢަމަލުކުރަން ފަށާފައިވާއިރު، މިއީ މަދަނީ ޢަދުލުގެ ނިޒާމަށް އައި ތާރީޚީ ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.