މަދަނީ އިޖުރާއަތުގެ ގާނޫނުގެ ތަމްރީން ޕްރޮގްރާމް 08 ވަނަ ބުރު ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އިފްތިތާޙްކޮށްދެއްވައިފި

ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ސިލްސިލާކޮށް ކުރިއަށްގެންދާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތަމްރީން ޕްރޮގްރާމްގެ 08 ވަނަ ބުރު މިއަދު އައްޑޫގައި ފެށިއްޖެއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި، ޤާނޫނު ދެނެގަނެ އެ ޤާނޫނު އޭގެ އެންމެ ފުރިހަމަ ގޮތުގައި ނެގެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފައިވެއެވެ. އަދި ފަނޑިޔާރުންގެ މަސައްކަތަކީ ހަމައެކަނި ޙުކުމް ކުރުން ނޫން ކަމާއި، ޤާނޫނުގެ ޙުކޫމަތު ނަގަހައްޓައި، ޤާނޫނުގައި އޮތް ގޮތަށް ޙުކުމްތައް ބިނާކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، ކޯޓުތަކުން ކުރައްވަމުން ގެންދަވަނީ ބުރަ ބޮޑު މަސައްކަތްތަކެއްކަން ފާހަގަ ކުރައްވައި، މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދު ނިމި، ކޯޓުގެ މަސައްކަތްތައްތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ވީހާވެސް ޚަރަދުކުޑަ އަދި ވަގުތު ސަލާމަތްކުރެވޭނޭ ގޮތުގެމަތީން، އަވަސްކަމާ ހަލުވިކަމާއެކު މައްސަލަތައް ނިންމެވޭނެ ގޮތަކަށް ކޯޓުގެ މަސައްކަތްތައް ތަރުތީބުކޮށް އިންތިޒާމުތައް ހަމަޖެއްސުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ވަގުތަކީވެސް ޚަރަދުކަން ފާހަގަކުރައްވައި، ދަށު ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފް ކުރުމުން، ވަގުތު ހޭދަ ނުވާނޭ ފަދަ ގޮތަކަށް ކޯޓުތަކުގެ އިޖުރާއަތުތައް ކުރިއަށް ގެންދެވޭނެ ގޮތަކަށް މަސައްކަތްތައް ބައްޓަން ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ.

އެންމެ ފުރިހަމަ ގޮތުގައި ޤާނޫނު ތަންފީޛުކުރެވޭނީ ޙިކްމަތްތެރިކަމާއެކު، ވިސްނާ ފިކުރުކޮށްގެންކަމާއި، ބޭރުގެ ނުފޫޒުތަކުން އެއްކިބާވެ ތިބެ، ޤާނޫނު ތަންފީޛުކޮށްގެންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކޯވިޑް 19 އާ ގުޅިގެން ޢަމަލުކުރަން ފެށުނު އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މައްސަލަތައް ހިންގުމުގެ ޕްރޮސެސް ކުރިއަށް ގެންދިޔުމުގެ މުހިންމުކަމާއި، އެ ވަޞީލަތްތަކުގެ އެހީގައި ހަލުވިކަމާއެކު މައްސަލަތައް ހިންގުމަށް މަގުފަހިވެގެންދާނެކަމެއް ކަން އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު ފެށުނު ތަމްރީން ޕްރޮގްރާމްގައި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓާއި އަދި އައްޑު އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ 07 މެޖިސްޓްރޭޓުންނާއި 46 މުވައްޒަފުން ބައިވެރިވެވަޑައިގަންނަވައެވެ. މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު އަދި ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުލްމަތީންގެ އިތުރުން ސިވިލް ކޯޓުގެ ރަޖިސްޓްރާރ އަލްއުސްތާޛު ޢަބްދުއްސަލާމް ޢަލީ އާއި ސިވިލް ކޯޓުގެ ލީގަލް އޮފިސަރ އަލްއުސްތާޛާ ޢާއިޝަތު ޖަމްޝީދާއެވެ. މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ، މި ޤާނޫނުގެ ދަށުން މައްސަލަ ބަލައިގަތުމާއި ޝަރީޢަތްކުރުން އަދި ޙުކުމް ތަންފީޛުކުރުމާ ގުޅޭގޮތުންނެވެ. އަދި މަދަނީ މައްސަލަތަކުގައި، މައްސަލަ ބަލައިގަތުމާ ހަމައިން ފެށިގެން ޙުކުމްކުރުމާ ހަމައަށް މައްސަލައާ ގުޅިގެން އިދާރީ ކަންކަން ކުރިއަށް ގެންދާނެގޮތްތަކާއި ޚަރަދު ނަގައިދިނުމުގައި ހިސާބުކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީ، ޢަމަލީ ސިފައެއްގައި މިކަންކަން ކުރާނެ ގޮތްތައްވެސް ކިޔައިދެވޭނެއެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނަކީ ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާ މެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި، ޙުކުމް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ އިޖުރާޢަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާ ބެހޭ އާންމު އުޞޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ ޤާނޫނެކެވެ. މި ޤާނޫނުގެ މަޤްސަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ. 16 ޑިސެންބަރު 2021 ގައި ތަސްދީޤުކުރެއްވި މި ޤާނޫނަށް 16 ޖޫން 2022 ގައި ޢަމަލުކުރަން ފަށާފައިވާއިރު، މިއީ މަދަނީ ޢަދުލުގެ ނިޒާމަށް އައި ތާރީޚީ ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.