ހދ. ކުޅުދުއްފުށީގައި ބޭއްވޭ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ތަމްރީން ޕްރޮގްރާމްގެ 07 ވަނަ ބުރު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އިފްތިތާޙްކޮށްދެއްވައިފި

ހއ، ހދ އަދި ށ އަތޮޅުގެ ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނަށް އަމާޒުކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނާ ގުޅޭ ތަމްރީން ޕްރޮގްރާމެއް މިއަދު (18 ޖޫން 2022 ގައި) ހދ. ކުޅުދުއްފުށީގައި ފަށައިފިއެވެ. މި ޕްރޮގްރާމަކީ މި ޤާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން ޖުޑީޝަލް އެކެޑަމީއިން އިންތިޒާމްކޮށްގެން ބާއްވާ ހަތްވަނަ ތަމްރީން ޕްރޮގްރާމެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް އަދުނާނެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން ޢާންމު ރައްޔިތުންނަށް ފަސޭހަކަމާއި އަވަސްކަމާއެކު ޢަދަލު އިންސާފަށް ވާސިލުވުމުގެ މަގު ފަހިވާގޮތަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެކަމަށް މަގުފަހިވެގެންދާނެ ގޮތަށް ކޯޓުތަކުން ކަންކަން ތަރުތީބުކޮށް އިންތިޒާމްކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

16 ޑިސެންބަރު 2021 ގައި ތަސްދީޤުކުރެއްވި މި ޤާނޫނަށް 2022 ޖޫން 16 ގައި ވަނީ ޢަމަލުކުރަން ފަށާފައެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނަކީ ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާ މެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި، ޙުކުމް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ އިޖުރާޢަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާ ބެހޭ އާންމު އުޞޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ ޤާނޫނެކެވެ. މި ޤާނޫނުގެ މަޤްސަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ.

މިއަދުގެ ތަމްރީން ޕްރޮގްރާމްގައި ހއ، ހދ އަދި ށ އަތޮޅުން 8 މެޖިސްޓްރޭޓުންނާއި 38 މުވައްޒަފުން ބައިވެރިވެވަޑައިގަންނަވައެވެ. މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުލްމަތީންގެ އިތުރުން ސިވިލް ކޯޓުގެ ރަޖިސްޓްރާރ އަލްއުސްތާޛު ޢަބްދުއްސަލާމް ޢަލީ އަދި ސިވިލް ކޯޓުގެ ލީގަލް އޮފިސަރ އަލްއުސްތާޛާ މަރްޔަމް ވަރުދާ އެވެ.

މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ، މި ޤާނޫނުގެ ދަށުން މައްސަލަ ބަލައިގަތުމާއި ޝަރީޢަތްކުރުން އަދި ޙުކުމް ތަންފީޛުކުރުމާ ގުޅޭގޮތުންނެވެ. އަދި މަދަނީ މައްސަލަތަކުގައި، މައްސަލަ ބަލައިގަތުމާ ހަމައިން ފެށިގެން ޙުކުމްކުރުމާ ހަމައަށް މައްސަލައާ ގުޅިގެން އިދާރީ ކަންކަން ކުރިއަށް ގެންދާނެގޮތްތަކާއި ޚަރަދު ނަގައިދިނުމުގައި ހިސާބުކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީ، ޢަމަލީ ސިފައެއްގައި މިކަންކަން ކުރާނެ ގޮތްތައްވެސް ކިޔައިދެވޭނެއެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނު ވުޖޫދަށް އައުމާ ގުޅިގެން، ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުން އެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ގޮތުން ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސިލްސިލާކޮށް ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ޖުޑީޝަލް އެކެޑަމީއިން ވަނީ ރާވާފައެވެ. މިގޮތުން، އުތުރުގެ އަތޮޅުތަކަށް ބޭއްވޭ މި ޕްރޮގްރާމަށްފަހު، ރާއްޖޭގެ ދެކުނު ގައިވެސް މި ޤާނޫނާގުޅޭ ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.