މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް ޢައްޔަން ކުރެވުނު މެޖިސްޓްރޭޓަރުންނަށް ހިންގާ ޖުޑީޝަލް އިންޑަކްޝަން ޕްރޮގްރާމް

2021، މެއި 25 ވަނަ ދުވަހާއި އަދި 02 ޖޫން 2021 ވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް ޢައްޔަން ކުރެވުނު މެޖިސްޓްރޭޓަރުންނަށް ހިންގާ ޖުޑީޝަލް އިންޑަކްޝަން ޕްރޮގްރާމް (ރައުންޑް 7)، 03 ޖޫން 2021 އިން ފެށިގެން ކުރިއަށް އެބަ ދެއެވެ. ޖުޑީޝަލް އިންޑަކްޝަން ޕްރޮގްރާމް ފައްޓަވައި ދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާއެވެ. އެކަމަނާގެ ވާހަކަފުޅުގައި ޖުޑީޝަލް އެކެޑަމީގެ ފަރާތުން ކުރިއަށް މި ގެންދާ ޖުޑީޝަލް އިންޑަކްޝަން ޕްރޮގްރާމަކީ އެކެޑަމީގެ ފަރާތުން ކުރިއަށް ގެންދާ ވަރަށް މުހިއްމު ޕްރޮގްރާމެއް ކަމަށާއި، އަދި މި ޕްރޮގްރާމުގައި ބައިވެރިވަޑައިގަންނަވާ ހުރިހާ ފަނޑިޔާރުންވެސް ފުރިހަމަ ކާމިޔާބާއެކު ޕްރޮގްރާމް ނިންމެވުމަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން، މިޕްރޮގްރާމުން ލިބޭ މަޢުލޫމާތަކީ އެންމެ ބޭނުން މަޢުލޫމާތުގެ ގޮތުގައި އަދި މިހާރު ފަނޑިޔާރުންގެ ހުރި ސްކިލްސްތައް އިތުރަށް ރިފައިން ކުރުމަށްޓަކައި ލިބިގެންދާނެ މުހިއްމު މަޢުލޫމާތުތަކަށް ވެގެންދާނޭކަން ފާހަގަ ކުރެއްވިއެވެ.

ޖުޑީޝަލް އެކެޑަމީގެ ފަރާތުން 03 ޖޫން އިން 13 ޖުލައި 2021 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތާ ޙަވާލުވެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ ކުރިން ފުރިހަމަ ކުރައްވަންޖެހޭ ކޯޓުއެޓޭޗްމަންޓް އެންޑް މެންޓޯޝިޕް، މޮކްޓްރައަލްސް އަދި ޕްރެކްޓިކަލް ސެޝަންތަކުގެ އިތުރުން މުހިއްމު ދާއިރާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ ތިއަރީ ސެޝަންތައްކާއި ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއެކު ބާއްވާ އިންޓޮރޮޑަކްޓަރީ މީޓިންގ ސެޝަންތައް ކަވަރ ކުރެވޭނެއެވެ. އިންޑަކްޝަން ޕްރޮގްރާމުގެ ތިއަރީ ސެޝަންތަކާއި އިންޓްރޮޑަކްޓަރީ މީޓިންގ ސެޝަންތައް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދެވޭނީ އޮންލައިންކޮށެވެ.

ޖުޑީޝަލް އިންޑަކްޝަން ޕްރޮގްރާމުގެ 7 ވަނަ ރައުންޑުގައި ބައިވެރިވެވަޑައިގަންނަވާ މެޖިސްޓްރޭޓުންނަކީ 25 މެއި 2021 ވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން މެޖިސްޓްރޭޓް ކަމަށް ޢައްޔަން ކުރެވުނު، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރު އާއި ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ އެވެ. އަދި މީގެ އިތުރުން، 02 ޖޫން 2021 ވަނަ ދުވަހު، ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ޢައްޔަން ކުރެވުނު އެކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޙާމިދު ރަޝީދު އެވެ.