ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނާއި ގުޅޭ ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް ފެށުން

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނަށް ޝަރުއީ ދާއިރާގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން މި މައުލޫއާގުޅޭ ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީއޯޓީ) ޕްރޮގްރާމެއް، މި ހިނގާ ޖުލައި 11 އިން 15 އަށް، ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި ޖުޑީޝަލް އެކެޑަމީ ގުޅިގެން މިއަދު ފަށައިފިއެވެ. މި ޓީއޯޓީ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނާއި ބެހޭގޮތުން، ކުރިއަށް އޮތް އަހަރުތަކުގައި ޖުޑިޝަރީގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ޓްރޭނަރުން ބިނާކުރުމެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުން މެދުވެރިކޮށް ދާއިރާގެ އެހެން ފަރާތްތަކަށް މި މަޢުލޫމާތު ފޯރުކޮށްދީ ވީހާވެސް ގިނަ ސެޝަންތައް ބޭއްވުމެވެ.

މި ޕްރޮގްރާމްގައި، ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި، އަދި ޖިންސީ ކުށްތައް ހުއްޓުވުމަށްޓަކައި މުޖުތަމަޢު އާއި ވަޒީފާގެ މާޙައުލުގައި އުޅޭއިރު ވިސްނަންޖެހޭ ކަންކަމާއި، އަދި ޝަރުއީ ދާއިރާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، މިދާއިރާގެ މުވައްޒަފުން ވިސްނުން މުހިންމު ކަންތައްތަކަށް އަލިއަޅުވާލާނެއެވެ. މިގޮތުން ހިމެނިގެންދާނެ މުހިއްމު ބައިތަކުގެ ތެރޭގައި، އީކުއަލިޓީ އަދި އިކުއިޓީ، ސޯޝަލައިޒޭޝަން، ޖެންޑަރ ބޭސްޑް ބިހޭވިއަރ، ޖެންޑަރ ސްޓީރިއޯޓައިޕިނގް، ޖެންޑަރ ސެންސިޓިވިޓީ، ޖެންޑަރ ބްލައިންޑްނަސް، އިމްޕާރޝަލިޓީ އަދި އެމްޕަވަރމަންޓް ނުވަތަ ބާރުވެރިކުރުވުމާ ގުޅޭކަންކަމުގެ އިތުރުން، މި ދެ ޤާނޫނުގައި ހިމެނޭ މުހިއްމު ކަންތައްތަކާބެހޭ މަޢުލޫމާތު ހިއްސާ ކުރެވޭނެއެވެ.

މި ޓީ.އޯ.ޓޯ ޕްރޮގްރާމްގައި ފެމިލީ ޕްރޮޓެކްޝަން އޭޖެންސީގެ މުވައްޒަފުންނާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މުވައްޒަފުންނާއި ޔޫ.އެން.ޑީ.ޕީ ގެ މުވައްޒަފުންގެ އިތުރުން، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ޝަރުއީ ބައެއް ކޯޓުތަކުގެ މުވައްޒަފުން ހިމެނޭގޮތަށް ޖުމްލަ 21 މުވައްޒަފުން ބައިވެރިވެއެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނާ ގުޅޭގޮތުން ތަމްރީނު ކުރުމަށް ހިންގޭ މި ޕްރޮގްރާމަކީ، ޔޫ.އެން.ޑީ.ޕީ އިން ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ފޯރުކޮށްދެމުންދާ އެހީގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ސެޝަންތައް ނަންގަވައިދެއްވަނީ ޔޫ.އެން.ޑީ.ޕީން ހަމަޖައްސަވާދެއްވާފައިވާ ކޮންސަލްޓަންޓް އަލްއުސްތާޛާ އާމިނަތު އަރީޖް ޙުސައިންއެވެ.

ޔޫ.އެން.ޑީ.ޕީގެ އެހީގެ ދަށުން، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނަށް މުވައްޒަފުން އަހުލުވެރިކުރުވުމުގެ ސެންސިޓައިޒިންގ ސެޝަންތަކެއް ވަނީ މި އަހަރުގެ އޭޕްރީލް މަހުގައިވެސް ކުރިއަށް ގެންގޮސްފައެވެ. އަދި ފަނޑިޔާރުންނަށް މިފަދަ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ފަނޑިޔާރުންނަށް އަމާޒުކޮށް ޓްރެއިނަރސް ބިނާކުރުމުގެ ޓީ.އޯ.ޓީ ޕްރޮގްރާމެއް ކުރިއަށް އޮތްތަނުގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.